އިންތިހާބުތައް ނިމުމަށް ފަހު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައި ވަނިކޮށް އިންތިހާބު ނިމުނުތާ ދެ ދުވަސް ނުވަނީސް، ތެލުގެ އަގަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ މަސްދަޅުގެ އަގުބޮޑުކޮށްފި މިއަދު އެވެ.
މިފްކޯއިން މަސްދަޅުގެ އަގަށް ގެނައި ބަދަލާއެކު ތެޔޮ މަސްދަޅެއް މިހާރު ލިބެނީ 18.50ރ. އަށެވެ. ކުރިން އެ ކުންފުނިން ތެޔޮ މަސްދަޅެއް ވިއްކަމުންދިޔައީ 17.50ރ. އަށެވެ.

މި ބަދަލާއެކު ތެޔޮ މަސްދަޅު ކޭހެއް މިފްކޯއިން މިހާރު ވިއްކަމުންދަނީ 800ރ. އަށެވެ.
މިފްކޯއިން ބުނީ މަސްދަޅުގެ އަގުބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިޔުމާއެކުގައި ކަމަށެވެ.
މާޗު މަހުގެ ކުރިން 11.57ރ. އަށް ލީޓަރެއް ލިބެމުންދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32ރ. އަށް ކަން އެ ކުންފުނިން ފާހަގަކުރި އެވެ.
އެ ކުންފުނިން ބުނީ ދުނިޔޭގެ އިގްތިސާދަށް މިހާރު އައިސްފައިވާ ހިނަރުކަމާއެކު ކުރިމަތިވާ ގޮންޖެހުންތަކުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވިޔަސް، ފިޔަވަޅުތައް އަޅަމުންދަނީ ރައްޔިތުންނަށް އަސަރު ކުޑަވާ ގޮތަށް ކަމަށެވެ.
މިފްކޯ އިން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން އޮފީހުގެ ރަސްމީ ގަޑި ކުރުކޮށް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ފިޔަވަޅުތަކެއް އަޅަން ވިސްނަމުންދާ ކަމަށް އިއްޔެ ބުނެފަ އެވެ.
މިގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ މައި އޮފީހާއި ސެންޓަރުތަކުގެ އިދާރީ އޮފީސްތައް ހުޅުވާ ގަޑި ހެނދުނު 8:00 އިން މެންދުރު 2:00 އަށް ވަނީ ކުރުކޮށްފަ އެވެ. މީގެ ކުރިން ހަވީރު ހަތަރެއް ޖަހަންދަން އޮފީސްތައް ހުޅުވާފައި ހުރެ އެވެ.
މިފްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދުވަސްވީ ކުންފުންޏެއް ނަމަވެސް، ހިންގުމުގައި އެތައް މައްސަލަތަކެއް ހުރި ކުންފުންޏެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނީގެ ހަރަދުތައް ދެކޮޅު ނުޖެހޭއިރު، ހަރަދުތައް ހަމަޖައްސަން ބަރޯސާވަނީ ސަބްސިޑީތަކަށެވެ.
މިފްކޯއިން ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް މި އެޅީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓަށްފަހު އެވެ. އިންތިހާބުގެ ކުރިން ހަރަދު ކުޑަކުރަން ފިޔަވަޅުތައް އެޅުމަށް އެތައް ބަޔަކު ގޮވާލަމުންދިޔަ ނަމަވެސް އެކަމަށް ސަރުކާރުން އިޖާބަދީފައެއް ނުވެ އެވެ.









