މި ހަފްތާ ފެށުނުއިރު ތަކެތީގެ އަގުތައް ހުރި މިންވަރާއި އަޅާބަލާއިރު ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭ ލޯކަލް މާރުކޭޓުގައި ތަކެތީގެ އަގުބޮޑުކޮށްފި އެވެ.
ބާޒާރުގައި މިއަދު އޮރެންޖެއް 10ރ. އަށް ލިބެން ހުރިއިރު، ފެޝަންފުރުޓް ކިލޯއެއް ލިބެނީ 140ރ. އަށެވެ. ނަމަވެސް މިދިޔަ ހަފްތާގައި އޮރެންޖެއް 8ރ. އަށް ލިބެން ހުރިއިރު، ފެޝަންފުރުޓް ކިލޯއެއް 80ރ. އަށް ވެސް ލިބުނުކަން ފާހަގަކުރެވެ އެވެ.
ބާޒާރުގައި ދޮންކެޔޮ ކިލޯއެއްގެ އަގު މި ހަފްތާ ފެށުނުއިރު 30ރ. އަށް ލިބެން ހުރިއިރު، މިއަދު ދޮންކެޔޮ ކިލޯއެއް ލިބެނީ 50ރ. އާއި 70ރ. އާ ދެމެދު އެވެ. ފުސްކޮޔޮ ކިލޯއެއް ލިބެނީ 80ރ. އާއި 100ރ. އާ ދެމެދުގަ އެވެ.
އޭގެއިތުރުން ބާޒާރުގައި ކުރުނބައެއް 35ރ. އާއި 50ރ. އާ ދެމެދު ލިބެން އެބަހުއްޓެވެ. 1.5 ލީޓަރުގެ ކުރުނބާ ފުޅިއެއް ލިބެންހުރީ 120ރ. އާއި 150ރ. އާ ދެމެދުގަ އެވެ.
ކަރާ ކިލޯއެއް އިއްޔެއާ ހަމައަށް ވެސް 15ރ. އާއި 20ރ. އާ ދެމެދު ލިބުނުއިރު މިއަދު ކަރާ ކިލޯއެއް ލިބެންހުރީ 20ރ. އާއި 25ރ. އަށެވެ.

މާލޭ ލޯކަލް މާރުކޭޓުގައި ދޮންކެޔޮ ވިއްކަން ބަހައްޓާފައި: ދޮންކެޔޮގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި -- ފޮޓޯ: އަދަދު
މިދިޔަ ރޯދަ މަހު އެންމެ ބޮޑަށް އަގު އުފުލުނު ކާށި މި ރޯދަ މަހު ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ. މިދިޔަ ރޯދަ މަހުގެ ބައެއް ދުވަސް ދުވަހު 100ރ. އަށްވުރެ މަތީގައި ހުރި ލެޓިއުސް ކިލޯއެއް އަގު މި ރޯދަ މަސް ފެށުނުއިރު ހުރީ 40ރ. އާއި 60ރ. އަށެވެ.
މިދިޔަ ހަފްތާއިން ފެށިގެން ކަނޑޫދޫ މިރުހުގެ އަގު އުފުލުނު ގޮތަށް ހުރީ އެއް އަގެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން ކަނޑޫދޫ މިރުހުގެ 100 ގްރާމް 40ރ. އާއި 45ރ. އަށް ލިބެން ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 450ރ. އަށެވެ.
ބާޒާރުގައި ތަކެތީގެ އަގު އުފުލިގެން އުޅެނީ ތަކެތި ލިބުމުގައި ހުރި ދަތިތަކާއެކު ކަމަށް ބައެއް ވިޔަފާރިވެރިންނާ އަދަދު އިން ސުވާލުކޮށްލުމުން ބުންޏެވެ. އެ ވިޔަފާރިވެރިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އަގު ކޮންމެވެސް ވަރަކަށް ހެޔޮވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"ތަކެތީގެ އަގު އާންމުކޮށް ބޮޑުވާނެ ފެށޭއިރު. ތަކެތި ލިބުން ހަމަ ދަށީ. ކުރިއަށް އޮތް ދުވަސްތަކުގައި އަގު ވެއްޓޭނެ ކަމަށް ބެލެވޭ،" ބާޒާރުގައި ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

މާލޭ މަސްމާރުކޭޓުގައި މަސް ވިއްކަނީ: މަސް މާރުކޭޓުގައި ތިން ދޮންމަސް ލިބެންހުރީ 25ރ. އަށް -- ފޮޓޯ: އަދަދު
ބާޒާރުގައި އާންމުކޮށް ބޭނުންކުރާ އެހެން ތަކެތި ލިބެން ހުރި އަގުތައް:
- ތޮރާ ކިލޯއެއް - 25ރ. އަށް
- ކިއުކަމްބާ ކިލޯއެއް - 55ރ. އާއި 70ރ. އަށް
- ޓޮމާޓޯ ކިލޯއެއް - 75ރ. އަށް
- ލުނބޯ ކިލޯއެއް - 60ރ. އަށް
- ބީންސް ކިލޯއެއް 80ރ. އާއި 90ރ. އަށް
- ލީކްސް ކިލޯއެއް - 85ރ. އަށް
- ކެރެޓް ކިލޯއެއް - 40ރ. އަށް
- ލޭޑީސް ފިންގާ ކިލޯއެއް - 65ރ. އަށް
- އާފަލެއް - 8ރ. އަށް
- ފޭރު ކިލޯއެއް - 140ރ. އަށް
- ރޯ ކަދުރު ކިލޯއެއް - 300ރ. އަށް
- ނުވަ އަނބު - 100ރ. އަށް
- މެންޑެރިން ކިލޯއެއް - 70ރ. އަށް
- މޭބިސްކަދުރު ކިލޯއެއް - 20ރ. އަށް
- ކޮޕީފަތް ބޮނޑިއެއް - 10ރ. އަށް
- ކުއްޅަފިލާފަތް ބޮނޑިއެއް - 15ރ. އަށް
- ކަނޑުމަސް ކިލޯއެއް - 30ރ. އާއި 40ރ. އާ ދެމެދު
- މުށިމަސް ކިލޯއެއް - 45ރ. އަށް
- ތިން ދޮންމަސް - 25ރ. އަށް









